ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުން ކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރޭ ހއ. ދިއްދޫގައި ބޭއްވި އެ ކޯލީޝަނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން ހާހަކަށްވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރައްވަން ޖެހިފައިވަނީ އަދުގެ ސަރުކާރުގެ އަނިޔާވެރިކަމުން ކަމަށެވެ.
"އަޅުގަނޑުމެން މި ހަފްލާ ބާއްވަމުންދާއިރުގައި ހަޤީޤަތުގައި އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށް ބޮޑަށް ހިތްދަތިކަން އިޙްސާސްވެގެންދޭ. އަޅުގަނޑުމެންގެ ހިތްތަކުގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނުހައްޤުން ޖަލުގައި އެތައް ދުވަހެއް، އެއްހާހަށްވުރެ ގިނަ ދުވަސް ހޭދަކުރަމުން އެދަނީ. މި ސަރުކާރުގެ އަނިޔާވެރިކަމުގެ އިންތިހާގެ ސަބަބުން." މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުން މިނިވަންކުރައްވާނެކަމުގެ ޔަޤީން ރޭވެސް މުއިއްޒު ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

"އަޅުގަނޑުމެންގެ ދުޢާއަކީ އެމަނިކުފާނަށް މިނިވަންކަން ދާދި އަވަހަށް ލިބިގެންދިއުން. އަޅުގަނޑުމެން ދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތުން ތިހުރިހާ ލޮބުވެތި ރައްޔިތުންގެ އިތުބާރާއި އެކުގައި އަޅުގަނޑުމެންނާ ތިބޭފުޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންނަށް އިތުބާރުކުރައްވައިފިނަމަ، ޤާނޫނީ ހަމަތަކުގެ މަތިން އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ކުރާނެ ކަމަކީ އެމަނިކުފާނު މިނިވަންކުރުން." މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރުވެސް ވަނީ ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ހިތްދަތިކަމެއް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ހިތްތައް ހަޤީޤަތުގައިވެސް ފުނޑުފުނޑުވެގެންދަނީ މިފަދަ ޙާއްޞަ ހަފްލާތަކުގައި އަޅުގަނޑުމެންގެ ރައީސް، ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ނެތީމާ. އަޅުގަނޑުމެން، ދިވެހިރާއްޖެ ހިތާމަކުރަނީ އެކަމާ. އަޅުގަނޑުމެންގެ ރައީސް 1002 ވަނަ ދުވަހު ޖަލުގައި ނުޙައްޤުން އަނިޔާތައް ހަރާމް ޙުކުމުގައި ކަޑައްތުކުރަމުން އެދަނީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިރާއްޖެ ހިތްދަތިކުރަމުން." ސައީދު ވިދާޅުވިއެވެ.
އިތުރަށް ސައީދު ވިދާޅުވީ، ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް، އެމަނިކުފާނުގެ ރަނިންމޭޓަށް، އަޅުގަނޑުމެންގެ ލީޑަރޝިޕަށް ވަރަށް ޔަޤީންކޮށް ރައީސްއަށް ދަންނަވަން، ރައީސް ހިތުގައި ޖައްސާނެ ޕާޓީއަކަށް އަޅުގަނޑުމެން ނުވާނެ. އިންޝާﷲ، 17 ނޮވެމްބަރ 2023 ގައި މިރާއްޖޭގެ ދެން ހުވާކުރައްވާނީ އަޅުގަނޑުމެންގެ ރައީސް މުއިއްޒު. އަޅުގަނޑުމެން ރައީސް ޔާމީން ފުރަތަމަ ދުވަހު މިޕާޓީން މުއިއްޒުގެ ވެރިކަމެއްގައި އިންޝާﷲ ރައީސް މިނިވަންކުރާނެ. ރައީސް މިނިވަންކުރާނެ. ޤާނޫނީ ހަމަތަކުގެ ތެރެއިން ދިވެހިރައްޔިތުންގެ ހިތްތަކަށް މި އުފާވެރިކަން ގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އެބަދެއްވާ." ސައީދު ވިދާޅުވިއެވެ.




