އިޒްރޭލުން ޣައްޒާއަށް ހަމަލާދޭ މަންޒަރު: ފޮޓޯ/މީސްމީޑިއާ

އިންޓަނެޓް ކަނޑާލައި، ޔަހޫދީން ޣައްޒާއަށް ބޮން އަޅަން ފަށައިފި

ޣައްޒާއިން އިންޓަނެޓާއި، މުއާސަލާތީ ހުރިހާ ހިދުމަތްތަކެއް ކަނޑާލުމަށްފަހު، އިޒްރޭލުގެ ޔަހޫދީން ޣައްޒާއަށް މިރޭ ބޮންއަޅަން ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިރޭ ދެމުން އަންނަ ހަމަލާތަކަކީ މިހާތަނަށް ޔަހޫދީން ޣައްޒާއަށް ދެމުންއަންނަ އެންމެ ވަރުގަދަ އެއް ހަމަލާތަކެވެ. އަދި ދެމުން އަންނަ ހަމަލާތައް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މީގެ ގަޑިއިރެއްހާ ކުރިން ޣައްޒާގެ ހުރިހާ މުއާސަލާތީ ހިދުމަތްތަކާއި، އިންޓަނެޓްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކުން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިޒްރޭލުން ޣައްޒާގެ އެކި ހިސާބުތަކަށް މެދުނުކެނޑި ބޮން އަޅަމުން އަންނައިރު، މުޅި ޣައްޒާ އޮތީ ކަނު އަނދިރީގަ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުންވެސް ދެންމެ ކުރި ޓްވީޓެއްގައި ބުނީ، އިޒްރޭލުން ޣައްޒާގެ މުއާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލުމުގެ ސަބަބުން، ޣައްޒާގައި ތިބި އެމީހުންގެ ޓީމާ މިވަގުތު އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވޭ ކަމަށެވެ. އެއާއެކު ޣައްޒާއާ މުޅިދުނިޔެއާއި މިވަގުތު އޮތީ ގުޅުން ކެނޑިފައެވެ.

ވައިގެ މަގުން އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު، ޣައްޒާ އަށް އެއްގަމު މަގުން އަރައި ހަމަލާ ދޭނެކަމަށްވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ދެންމެ ވަނީ އިއުލާންކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނިގޮތުގައި ޣައްޒާގެ އެއްގަމު މަގުން ކުރިއަށް ގެންދާ ހަނގުރާމަ އިތުރަށް ފުޅާކުރާނެ އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރާ ހަމަލާދޭނެ ކަމަށް އިޒްރޭލުން ބުނުމާއެކު، ހަމާސް އިން ބުނެފައިވަނީ އެ ހަމަލާތަކަށް ކުރިމަތިލާން ތައްޔާރަށް ތިބިކަމަށެވެ. އެގޮތުން ރިޕޯޓުތައް ބުނާގޮތުން، ހަމާސް އިން ވަނީ ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ފެންސް ކައިރި އަށް އައިސް ތިބި އިސްރާއީލްގެ ސިފައިންނަށް ހަމަލާ ދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ