ޕާކިސްތާނުގެ ޖައްވު ނުސާފުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެގައުމުން ފުރަތަމަ ފަހަރަށް މަސްނޫއީ ވާރޭގެ އެހީ ހޯދައިފިއެވެ.
މިގޮތުން މަސްނޫއީ ވާރޭގެ ބޭނުން ކޮށްފައިވަނީ ޕާކިސްތާނުގެ އެންމެބޮޑު އެއް ސިޓީ ކަމަށްވާ ލާހޫރުގައެވެ. ލާހޫރަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ވައި އެންމެ ނުސާފު އެއްްސިޓީއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕަންޖާޕުގެ ޗީފް މިނިސްޓަރ މުހްސިން ނަގްވީ ވިދާޅުވީ، ލާހޫރުގެ ދިހަ ހިސާބަކަށް މަސްނޫއީ ވާރެ ވެހިފައިވާ ކަމަށާއި ނުވަމެއިލުގެ ސަރަހައްދަކަށް މަސްނޫއީ ވާރެ ވެހޭނެކަމަށް ބަލައި އެކަން ބަލަމުން އައްނަ ކަމަށެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި ލާހޫރުގެ ވައިގެ ނުސާފު މިންވަރުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. މިކަންތައް ހައްލު ކުރުމަށް ޕަންޖާޕުގެ ސަރުކާރުންވަނީ ތަފާތު ފިޔަވަޅުތައްވެސް އަޅައިފައެވެ. މީގެތެރޭގައި ވިޔަފާރިތައް އަވަހަށް ބަންދުކުރުމާއި އަދި ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުން ހިމެނެއެވެ. ނަމަވެސް މިފިޔަވަޅުތަކުންވެސް އެދެވޭ ހައްލެއް އައިސްފައެއް ނުވެއެވެ.
ޗީފް މިނިސްޓަރ މުހްސިން ނަގްވީ ވިދާޅުވީ، މަސްނޫއީ ވާރޭގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޔޫއޭއީ އިން ކަމަށެވެ. މީގެ 12 ދުވަސްކުރިން ޔޫއޭއީގެ ކަމާބެހޭ ޓީމަކާއި އަދި ދެ މަތިންދާ ބޯޓު ޕާކިސްތާނަށް އައިސްފައިވާ ކަމަށެވެ.
ޔޫއޭއީ އިން އައްނަނީ މަސްނޫއީ ވާރެ ނުވަތަ "ކުލައުޑް ސީޑިން" ފުޅާ ދާއިރާއެއްގައި އެގައުމުގެ ހަނަފަސް ބިމުގައި ބޭނުން ހިފަމުންނެވެ. ޔޫއޭއީގެ އިތުރުން މަސްނޫއީ ވާރޭގެ ޓެކްނޮލެޖީ ދެން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ދެގައުމަކީ އިންޑިއާ އަދި އެމެރިކާއެވެ.



