ރައީސް ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

މުސާރައިން ބޮޑުވާބައި ހަދިޔާކުރަން ރައީސް ނިންމަވައިފި

ރައީސްގެ މުސާރައިން ބޮޑުވާބައި އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް، ނައިބު ރައީސް، ވަޒީރުން ހިމެނޭހެން ދިވެހި ސަރުކާރުގެ ވެރިންގެ މުސާރަތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް މި ނިންމެވުމާއި ގުޅިގެން، ރައީސް އޮފީހުން މިއަދު ވިދާޅުވީ، މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކާ ގުޅިގެންނެއް ނޫންކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރައްވާ ނިންމުމެއްވެސް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ. މުއިއްޒުވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، ރައީސް ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި، އެ މުސާރަތައް ބޮޑުކުރުމަށް ބޭނުންފުޅު ނުވާކަމަށެވެ.

"އެއްވެސް މަޝްވަރާއެއް ކުރުމެތް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން." ރައީސް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް މާލިއްޔަތު ކޮމިޓީން ދައުލަތުގެ އިސް ވެރިންގެ މުސާރަތައް ބޮޑުކުރުމަށް ފާސްކުރިއިރު، ރައީސްގެ މުސާރައަށް ވަނީ 20،000 ރުފިޔާގެ ކުރިއެރުމެއް އައިސްފަ އެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރަވެސް އެއްލަކަ ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން، މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ނިންމެވުމާއި، ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ރައީސް އާއި އެއްގޮތަށް މުސާރައަށް ލިބޭ ކުރިއެރުން އިޖްތިމާއި ފަންޑަކަށް ހަދިޔާކުރަން ނިންމަވަފައިވާކަން ހާމަކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން ސަރުކާރުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަށް ނިންމެވުމާއި ގުޅިގެން ދިވެހި ރައްޔިތުންވެސް އަންނަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދުގެ ރައްޔިތުންގެ މަޖިލީހުގައިވެސް ބައެއް މެންބަރުން ވަނީ މި ނިންމެވުމާއި ދެކޮޅަށް ހިޔާލު ފާޅުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ