އދ. ދިގުރަށް - ފޮޓޯ: ޕީއެސްއެމް ނިއުސް

އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށްފަހު މާލެ ގެނެސްފި

އދ. ދިގުރަށުގައި ދުވަސްފުރާ ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

ފުލުހުން ބުނީ، ތުއްތުކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި މި މަހުގެ 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.

މި ތުއްތު ކުއްޖާ އެއްލާލާފައި އޮއްވާ ފެނިފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ދިގުރަށު ކުނިގޮނޑުންނެވެ. ދުވަސްފުރާ ވިހެއުމަށްފަހު، ފޫޅުވެސް ނުކަނޑާ އޮތް މި ތުއްތު އަންހެން ކުއްޖާ ފެނުނުއިރު އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އަދި ދިގުރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި 30 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ދިގުރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީލަންކާގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ފިލައިގެން ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓަ އެވެ.

ކޯޓުން ވަނީ މި މައްސަލައިގައި ހައްޔަރުކުރި އަންހެންމީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ