ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުޢިއްުޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ދެކެން ބޭނުންވަނީ މާޒީން ދެކެފައިވި އެކުވެރިކަމުގެ ދުވަސް: ރައީސް

ދެކެން ބޭނުންވަނީ މާޒީގައި ދިވެހިން ދެކެފައިވި އެކުވެރިކަމުގެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޑރ. މުޢިއްޒު ވަނީ ދިވެހީންގެ އެއްގޮތްވަންތަކަމުގެ މައްޗަށް އަލިއަޅުއްވާ އެތައް މިސާލުތަކެއް ދައްކަވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ، ސުނާމީގައި ނިޔާވި 82 މީހުންނާއި، ގެއްލުނު 26 މީހުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތް الله ގެ ހަސްރަތުގައި ދުޢާ ދަންނަވަމުންނެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ/ ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވާހަކަފުޅުގައި ވިދާޅުވީ، މީގެ 19 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނަށް، ދިވެހިން ފޯރުކޮށްދިން އެހީތެރިކަމާއި ދިވެހިންވީ ޤުރުބާނީތައް ބުނެދެނީ، އެއްބައިވަންތަކަމަކީ ދިވެހިންގެ ރަމްޒެއް ކަމަށެވެ. ރައީސް ވިދާޅުވީ، އެއްބައިވަންތަކަމުގެ ސިފައަކީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައި ހުރި ސިފައެއް ކަމަށެވެ.

ދިވެހީންގެ ކިބައިގައި ހުރި އެއްގޮތްވަންތަ ކަމުގެ މައްޗަށް އަލިއަޅުއްވާލާ، ރައީސް ވިދާޅުވީ، ދިވެހީން ވާހަކަދައްކަނީ އެއް ބަހަކުން ކަމަށާއި، ނަސްލަކީ އެއް ނަސްލެއް ކަމަށާއި، ދިރިއުޅެން ގެދޮރު އަޅައި އުޅުނީ ހުރިހައި ރަށެއްގައި ވެސް ދާދި އެއް ގޮތަކަށްކަމަށާއި، އޮޑިދޯނި ފަހަރު ބަނދެ އުޅުނު ގޮތާއި، އަދި ސިޔާސީ ސަޤާފަތްވެސް އެއްގޮތްކަމަށެވެ.

"ސިޔާސީ ސަގާފަތަށް ބަލާއިރު، އެ ދުވަސްވަރު ހަމަ ކޮންމެ ރަށެއްގައި ވެސް ކަތީބަކާއި ކުޑަކަތީބަކާއި އަދި އަތޮޅުގައި ނައިބަކާއި އަތޮޅުވެރިޔަކު ހުންނަވާ. އެއީ، ރަށްފުށުގެ ސިޔާސީ ބާރުވެރިކަން ތަރުތީބުވެފައި އޮތްގޮތް. ހުރިހައި ރަށެއްގައި ވެސް މިހެން. އެހެންވީމާ، ސަގާފީ ގޮތުން ވެސް ދިވެހީންގެ ކިބައިން ފެންނަނީ އެއްގޮތްވަންތަކަން. އެއްބައެއްކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ދީނީ ގޮތުން ވެސް، ދިވެހީންނަށް ލިބިފައި މި އޮތީ އާދަޔާ ޚިލާފު ބޮޑު އެއްގޮތްވަންތަކަމެއް ކަމަށާއި، ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ބަލާއިރު ރަށްތައް އުފެދިފައި ހުންނަނީ ދާދި އެއް ގޮތަކަށްކަމަށާއި، އެތުރިފައި އޮންނަނީ ވެސް ދާދި އެއް ސިފައެއްގައިކަމަށެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ/ ފޮޓޯ: ރައީސް އޮފީސް

"ކަނޑުތަކުގެ އޮޔާއި ވަޔާއި މޫސުމާއި އަދި ކަނޑުފަޅުގެ ކުލައިގައި ވެސް ތަފާތެއް ނެތް. ރާއްޖޭގެ އެންމެ އުތުރުން އޮތް ރަށުގައި ހެދޭ ގަސް، ރާއްޖޭގެ އެންމެ ދެކުނު ރަށުގައި ވެސް ހެދޭނެ" ރައީސް ވިދާޅުވީ، މިއީ ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ ވަރަށް މަތިވެރި ނަސީބެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހިންގެ ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމަށް އެހީ އެބަ ބޭނުންވާކަން ފާހަގަކުރިއެވެ. އަދި ދިވެހީން އެކަކު އަނެކަކުގެ އަބުރަށް ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް، މަގުދައްކައިދޭން އެބަ ޖެހޭކަމަށާއި، އެމަނިކުފާނު ދެކެން ބޭނުންވާ ދުވަހަކީ އެއީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހިތްތަކަށް ރަޙުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭ. އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި، އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް. " ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސުނާމީ ކާރިސާއަށްފަހު ރަށްތައް "ސޭފް އައިލެންޑް"ގެ ކޮންސެޕްޓަށް ތަރައްޤީކުރެވުނު ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ފައްޓަވާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު "ރަސްމާލެ" އަކީވެސް "ސޭފް އައިލެންޑް"ގެ ކޮންސެޕްޓަށް ޤާއިމްކުރެވޭނެ މަޝްރޫޢެއްކަން ރައީސް ފާހަގަކުރިއެވެ. އަދި މިކަމުގެ އަސާސީ ބޭނުމަކީ ރައްޔިތުންގެ ފުރާނައާއި، ގޯތި ގެދޮރު ސަލާމަތްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ/ ފޮޓޯ: ރައީސް އޮފީސް

މިވާހަކަފުޅަށްފަހު ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ހަޤީގީ ސަލާމަތްއޮތީ އިސްލާމް ދީނުގައި ސާބިތުވެތިބެގެން ކަމަށެވެ. އަދި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަން ހަނދާން އައު ކޮށްދެއްވަމުން ބައިބައިވުމާއި އިސްލާމީ އަޚްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުޞަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅު ނިއްމާލައްވަމުން ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެން އެދިވަޑައިގަތުމަކީ، ދިވެހިންގެ ވުޖޫދު ކަށަވަރުކޮށްދެއްވައި، އެއްރޫޙެއްގައި އެއް ޢަޒުމެއްގައި ދެމިތިބުމަށެވެ. އަދި ދިވެހިންނަށް ޤުދުރަތުން ދެއްވާފައި އޮތް އެއްގޮތްވަންތަ ސިފަތައް ދެމެހެއްޓުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ