ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ގެއްލުންތައް ލިބުނު ބައެއް ގޭގެއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވާ އެގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ.
އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ 140 ގެއަކަށް ފެން ވަދެ، އި 11 ގެ އަކުން 54 މީހަކު ވަގުތީ ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް އެމްއެންޑީއެމްއޭ އިން ރޭ ވަނީ ބުނެފައެވެ.
ރައީސް އިއްޔެ ވަނީ، މާލޭގެ ހަތަރު އަވަށުގެ އެކި ގޭގެއަށް ވަޑައިގެން، އެގެތަކަށް ފެންވަދެ ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައި އެގެތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރައްވައިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވިސްނާފައި ވަނީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށާއި އެމަސައްކަތް ކުރާއިރު އަޑީގައި މިހާރަށްވުރެ ވަރުގަދަ ސްޓޯމްވީޓަރ ނިޒާމެއް ޤާއިމުކޮށް މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ގެނައުން ކަމުގައެވެ.
މީގެ އިތުރުން މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރައްވައި ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތަކުގައި މާލެއާ ރާއްޖޭގެ ރަށްތަކުގެ އާންމުންގެ ގެތަކާއި މުދަލާއި ވިޔަފާރިތަކާ އަދި އެނޫންތަންތަނަށް ލިބޭ ގެއްލުންތައް ކުޑަވާނެގޮތަށް ދާއިމީ ޙައްލެއް ލިބޭގޮތަށް ސަރުކާރުން ކަންކަން އިންތިޒާމު ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ފެންހިއްކުމުގެ މަސައްކަތްތަކާއި އަދި ފެނުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގައި މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި އަދި ސިފައިން އިއްޔެ ވަނީ ހަރާކާތްތެރިވެފައެވެ.