މާފުށި ޖަލު ބަލާ ފާސްކުރުމުގެ ތެރޭގައި ޖަލުގައި ހުރެގެން ނުވާނެ ތަކެތި ފެނިފައިވާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، މާފުށީ ޖަލުޖައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލާފައިވާ ކަމަށާއި، އޮޕަރޭޝަން ކުރިއަށްދިޔައީ އަމާންކަމާއެކު ކަމަށެވެ.
"ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު މި އޮޕަރޭޝަންގައި ހޯދިފައިވޭ. އެތަކެތި މިހާރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށަށް ގެންދެވިފައި." ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
މާފުށީ ޖަލުޖައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލައިފި. އޮޕަރޭޝަން ކުރިއަށްދިޔައީ އަމާންކަމާއެކު. ޖަލުގެ ތެރޭގައި ހުރެގެންނުވާނެ ސާމާނު މި އޮޕަރޭޝަންގައި ހޯދިފައިވޭ. އެތަކެތި މިހާރުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށަށް ގެންދެވިފަ.
— Home Ministry, MV (@HomeMinistrymv) June 23, 2019
"ފެށުން" އަށް ޔަޤީން ކުރެވިފައިވާ ގޮތުގައި ޖަލު ބަލާ ފާސްކުރުމުގެ ތެރޭގައި ފަސްވަރަކަށް ދަގަނޑުބުރިއާއި ފޯނުފަދަ ތަކެތި ހޯދާފައިވެއެވެ. ޖަލުން މިއަތު އަތުލައިގަތް ދަގަނޑުބުރިތަކުގެ ތެރޭގައި ފޫޓެއްވަރު ދިގުމިނުގައިހުރި ކޮޅު ތޫނުކޮށްފައިހުރި ދަގަނޑުބުރިތަކެއްވެސް ހިމެނެއެވެ.
ޖަލު ބަލާ ފާސްކޮށްފައިވަނީ ކަރެކްޝަންސް އޮފިސަރުންނެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ބަލާ ފާސްކުރުން ކުރިއަށްދިޔައިރު ގޮޅިތަކުގެ ބޭރުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.
ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަން މިއަދަށް ނިންމާލިކަން ހޯމް މިނިސްޓްރީން އިއުލާންކުރެއްވި ނަމަވެސް މާދަމާ އިތުރު އޮޕަރޭޝަނެއް ހިންގާނެކަން ނުވަތަ ނޫންކަން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ޖަލު ބަލާ ފާސްކޮށްފައި މިވަނީ، ތޫނު ހަތިޔާރުން ޖަލު އޮފިސަރުންނަށް ޤައިދީން ބިރުދެއްކި މައްސަލައެއް ފެންމަތިވެ ޖަލު އޮފިސަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.




