އަތޮޅުތަކުގައި ޚުޠުބާ ކިޔުމަށް ހުރި ދަތިތައް ޙައްލުކުރުމަށް ޝައުޤުހުރި ކައުންސިލަރުން ތަމްރީނުކުރަނީ

އަތޮޅުތަކުގައި ޚުޠުބާ ކިޔުމަށް ހުރި ދަތިތައް ޙައްލުކުރުމަށް ޝައުޤުހުރި ކައުންސިލަރުން ތަމްރީނުކުރުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ފުޅާ ދާއިރާއެއްގައި ޙައްލުކުރުމުގެ މަޤުޞަދުގައި، ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރޭގައި މިކަމަށް ޝައުޤުހުރި ފަރާތްތަކަށް، ޚަޠީބުކަމުގެ 3 މަސް ދުވަހުގެ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ގެންދަންވަނީ ނިންމާފައި ކަމަށެވެ.

މީގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

މި ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހު، ޤުރުއާން، ޢަޤީދާ ހަދީސް ކިޔަވައިދޭނެ ކަމަށާއި، މީގެ ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ގެންދެވޭނެ ކަމަށްެވެސް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން، ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށާއި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް ޢިލްމުވެރިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

1 ޖޫންގައި ޕްރޮގްރާމަށް ހުޅުވައިލާނެ ކަމަށާއި، މި ޕްރޮގްރާމަކީ ކައުންސިލަރުންނަށް ޚާއްޞަ ޕްރޮގްރާމެއް ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ