ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ރައީސް ތަސްދީގުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެނައި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިޚްތިޔާރުތަކަކާއި ފުރުޞަތުތަކެއް ލިބުން.
2. ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޤާނޫނުގެ ދަށުން އުފެއްދުމަށް ކަނޑައެޅުން. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ފެށުން.
3. ކުޅިވަރުގެ ވަކި ފަންޑެއް ޤާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށުން.
4. ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުން
5. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ޚާއްޞަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުން.
6. ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ހިނގަން ފެށުން.
7. ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކޮށް ޢަމަލުކުރަން ފެށުމަށް ކަނޑައެޅުން. (މިއީ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށް ދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާކަމެކެވެ).
8. ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދަން އޮތަށް ފުރުޞަތު ފަހިވުން. (މިގޮތުން 'އިންޓަރ ސްކޮލަރސްޓިކް' ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް މި ޤާނޫނުގެ ދަށުން އުފައްދައި ހަރަކާތްތެރިވަމުންދާނެއެވެ.)
މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުޞަތު، މި ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ފަހިވެގެންދާނެއެވެ.




