އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވާން ފަށައިފައިވާކަން އިލެކްޝަންސް ކޮމިޝަން(އީސީ) އިން ހާމަކޮށްފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އީސީގެ ރައީސް މުޙައްމަދު ޒާހިދު ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އެގޮތުން ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވާއިރު މައިގަނޑުގޮތެއްގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި މި ވަގުތަށް ބަލާނަމަ ދަރުބާާރުގެ އަދި ކުރީގެ ބާޖަމާލުއްދީނެއްނެތް ކަމަށެވެ.
އެހެންކަމުން އެ މަސައްކަތަށްޓަކައި އިންތިޚާބާބެހޭ މަރުކަޒުގެ ގޮތުގައި މާލެއިން އިމާރާތެއް ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޒާހިދު ވިދާޅުވިއެވެ.
އަދި އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ކުރިއަށްގެންދިޔުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށް ޒާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޒާހިދު ވިދާޅުވީ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިޚާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.




