މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޮޕަތީސް ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
އޮރެންޖް ހިޔާގެ 4 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ސިފައިންގެ މަސައްކަތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނު މަރުކަޒެކެވެ. މި ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އަދި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ފުޅާ ޚިދުމަތްތަކެއް
މި ސެންޓަރުގައި ޖާގަތަނަވަސް ހިތްގައިމު ފަރުވާދިނުމުގެ އިންތިޒާމުތައް ޤާއިމުކޮށްފައިވާއިރު، އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އެޅުމަށް ދުރުވާ ބަލިމީހުންނަށް ޚާއްސަ 12 އެނދުގެ ޖެނެރަލް ވާޑެއް ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން ތުއްތު ކުދިންނަށް ޚާއްސަ 6 އެނދުގެ ވާޑަކާއި، އަންހެން ބޭފުޅުންނަށް ޚާއްސަ 7 އެނދުގެ ވާޑެއްވެސް ހިމެނެއެވެ.
ސެންޓަރުގައި ލެބޯރަޓަރީއެއް ޤާއިމުކޮށްފައިވާއިރު، ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަނާއި، ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް ހިމެނެއެވެ. އަދި ބަލިމީހުންނާއި އާއިލާތަކަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމަށް ކައުންސެލިންގ ރޫމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
ޚިދުމަތް ލިބޭނެ ގަޑިތައް
މި ސެންޓަރުން ކޮންސަލްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 20:30 އަށް ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާކުރުމުގެ ޚިދުމަތް ހެނދުނު 8:00 އިން ރޭގަނޑު 19:30 އާ ހަމައަށް ލިބޭނެއެވެ. މީގެ އިތުރުން ތެލެސީމިއާ ސްކްރީނިންގ އަދި ތެލެސީމިއާ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބިގެންދާނެއެވެ.




