ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މިވަގުތަކީ އިސްލާމީ އުންމަތަށް، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުޢާކުރުން އިތުރު ކުރަންޖެހިފައިވާ ވަގުތެކެވެ. އަދި މެދުއިރުމަތީގެ އިސްލާމީ ބައެއް ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސް ޙާލަތާ ގުޅިގެން، ދިވެހި ރައްޔިތުންގެ އިޚްލާޞްތެރި ދުޢާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމަށް ފާހަގަކުރެއްވިއެވެ.
"ފަލަޞްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އަޅުގަނޑުމެން އެދޭހިނދު، އެ ސަރަޙައްދުގެ މުސްލިމް ހުރިހާ ވަޠަނަކަށްމެ، ސިލްމާއި ރައްކައުތެރިކަން މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަން," ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ހިޖުރައިގެ ދަތުރުފުޅަކީ އިސްލާމީ އުންމަތަށް އެތައް ހާސް ޢިބްރަތެއް ލިބިދޭ ތާރީޚީ ޙާދިސާއެކެވެ. އަދި މި ދަތުރުފުޅުން ދަސްކުރެވޭ ފިލާވަޅުތަކަކީ ފަރުދީ ގޮތުންނާއި، ޤައުމީ ފެންވަރުގައި އަދި އުންމަތުގެ ނަޒަރިއްޔާތުން ވެސް ކާމިޔާބު ހާސިލުކުރުމަށް މުހިންމު ޙިކްމަތްތެރި ހަމަތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ދިވެހިން އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި، އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ތަރައްޤީގެ މުހިންމުކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާގެ ސީރަތުން ލިބޭ މުހިންމު ފިލާވަޅުތަކެއް ހިއްސާކުރައްވައިފިއެވެ.
ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ދަތުރުފުޅުގައި، މަގުދައްކާ އާރުކާޓީއެއްގެ ގޮތުގައި ޣައިރު މުސްލިމެއް ކަމުގައިވާ ޢަބްދުﷲ ބިން ޢުރައިޤަޠް ޚިޔާރުކުރެއްވުމަކީ، މުސްލިމުން އިތުރު ތަޖުރިބާ ބޭނުންވާ ކަންކަމުގައި، އެކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ ރީތި މިސާލެކެވެ.
މަދީނާއަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، މުހާޖިރުންނާއި އަންޞާރުންގެ މެދުގައި މުއާޚާތު ގާއިމުކުރެއްވުމާއި، އެހެން ދީންތަކުގެ އަހުލުވެރިންނާއެކު ސުލްހައިގެ އެއްބަސްވުންތައް ގާއިމުކުރެއްވުން ހިމެނެއެވެ. އަދި މަދީނާ ތަރައްޤީކުރައްވައި، ތަރުތީބު އަދި ތަހުޒީބު ނިޒާމެއް ގާއިމުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންނެވެ. އަދި ދިވެހި މުޖުތަމަޢުގައި ހުރި ކޮންމެ ކަންބޮޑުވުމަކުން ސަލާމަތްވުމާއި، ރައްޔިތުން އެދޭ ކޮންމެ ފާގަތިކަމެއް ލިބުން އޮތީ އިސްލާމީ އުސޫލުތަކުގައި ދެމިތިބެގެން ކަމުގައި ވިދާޅުވިއެވެ.
ޚިތާބު ނިންމަވާލެއްވީ، އިސްލާމީ އުންމަތް ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން ސަލާމަތްކޮށްދެއްވުމަށާއި، ދިވެހިރާއްޖެ އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި ދެމެހެއްޓުމަށް އެދި ދުޢާކުރައްވަމުންނެވެ.




