އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ތަހުނިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ، "ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް އެމެރިކާގެ މިނިވަން ދުވަހަކީ އަޚުވަންތަކަމާއި، ގިނަ ހަރަކާތްތަކާއެކު އުފާވެރިކަން ގެނުވާނެ ދުވަހަކަށްވާނެ" ކަމަށެވެ. އަދި މިދުވަހުވެސް އެމެރިކާގެ އަސާސްތައް ފެނިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމެރިކާގެ މިނިވަން ދުވަހަކީ 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި ވަނިކޮށް ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާހަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރަކީ އެމެރިކާގެ މިނިވަންކަމަށް 249 އަހަރު ފުރޭ އަހަރެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހިރާއްޖެ ބަލައިގަނެ، އެ ޤައުމުގެ ސަފީރަކު ރާއްޖެއަށް އައްޔަންކޮށްފައިވެއެވެ. މިއަދާ ހަމައަށްވެސް ދެ ޤައުމުގެ ގުޅުން ވަނީ އެކުވެރިކަމާއެކު ދެމެހެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ