ތެލެސީމިއާ ކުދިންނަށް ދޭ ޚިދުމަތް ފަސޭހަކުރުމަށް ބްލަޑް ސާވިސަސްގައި ހޮޓްލަައިނެއް ޤާއިމް ކޮށްފި

ތެލެސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ހޮޓްލައިން ނަންބަރެއް މިއަދު ތަޢާރަފްކޮށްފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހޮޓްލައިން ނަންބަރު (7333645) މެދުވެރިކޮށް އެ އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަދި މި ނަންބަރަށް ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގައި އިތުރުވަމުންދާ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ލޭ އަދި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހިމެނެއެވެ.

މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތައް ފުޅާކޮށް، އެތަން ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ނިންމަވާފައެވެ. މިއީ ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

މި ހޮޓްލައިން ޚިދުމަތް ތަޢާރަފްކުރުމާއެކު، ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި، ޚިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ