ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ކޮންމެ 30 މިނެޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހުރުމަކީ އަމާޒެއްކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގެ އެކި ރަށްރަށުން ދަތުރުކުރާއިރު ދަތުރުކުރާ ރަށާއި 30 މިނެޓް ކައިރީގައި އެއާޕޯޓެއް ހުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ކުރިއަށްގެންދެވި "ރައްޔިތުންނާ އެކު" ސިލްސިލާގެ 8 ވަނަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، ރިޔާސީ މެނިފެސްޓޯއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއް ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ސަރަޙައްދީ އެއަރޕޯޓްތަކާއި، ތަރައްޤީ ކުރެވެމުންދާ އެއަރޕޯޓްތަކުގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި މިއަހަރާއި އަންނަ އަހަރުގައި ސަރުކާރުން ކުރަމުންގެންދާނެ ކަމަށެވެ.

އެގޮތުން މިއަހަރު ބައެއް އެއާޕޯޓްތައް އެޅުމަށް ބޭނުންވާ މަސައްކަތް ފެށިގެންދާއިރު، އަންނަ އަހަރު އަޅަން ހަމަޖެހިފައިވާ ބައެއް އެއާޕޯޓްތަކަށް ބިން ހިއްކުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ