ވިލުންތެރި އިޤްތިޞާދަކަށް ރާއްޖެއިން ކުރާ ދަތުރުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިއްމު ދައުރެއް އަދާކުރެވޭނެ: ރައީސް މުޢިއްޒު

ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖެއިން ކުރާ ދަތުރުގައި އިނގިރޭސި ވިޔަފާރިތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ފޯރަމްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުމަށް 60 އަހަރު ފުރުމާ ގާތްވެފައިވާއިރު، ދެ ޤައުމުގެ ގުޅުން އޮތީ ވަރަށް ބަދަހިކޮށެވެ. ޚާއްޞަކޮށް ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ފާހަގަކޮށްލެވެއެވެ. މިގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭއިރު، މިދިޔަ އަހަރު އެކަނިވެސް 180,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

"ކުރިމަގުގައި ރާއްޖެ ކުރިއަރުވަން ބޭނުންވާ ވަރަށް ގިނަ ދާއިރާތަކުން ވަނީ ފުރުޞަތު ހުޅުވިފައި. އެގޮތުން ކްރިއޭޓިވް އިންޑަސްޓްރީ، އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް، ހިއުމަން ކެޕިޓަލް އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތައް ހިމެނޭ. އޭގެ ބައިވެރިއަކަށްވުމަށް ވިޔަފާރިތަކަށް ދަޢުވަތު އަރުވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އުފެއްދުންތެރިކަމުގެ ސިނާޢަތް ޖީޑީޕީގައި ޙިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިނގިރޭސި ވިޔަފާރިތަކުގެ ބައިވެރިވުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މަސްވެރިކަމުގެ ސިނާޢަތުގައި މެރިކަލްޗަރ ވިޔަފާރި ފުޅާކުރުމާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޕެސެންޖަރ ޓަރމިނަލްގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް ލިބިގެންދާނެ ކުރިއެރުންތަކާ ގުޅޭގޮތުން ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ