އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޢިއްޒު ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މި މަހުގެ 15 އިން 19 އަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ލަންޑަނަށް ވަޑައިގެންނެވުމުން އެ ޤައުމުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބާއި ދައުލަތުގެ އިސް ފަރާތްތަކުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގެ އެންމެ އިސް ފަރާތްތަކާ މުހިންމު ބައްދަލުވުންތަކެއް ބާއްވަވާފައެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިންވަނައާއެކު ވިންޑްސަރ ކާސްލްގައި ބޭއްވުނު ބައްދަލުވުމާއި، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލްއާއެކު ބޭއްވުނު ބައްދަލުވުން ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާ އެކު ބޭއްވުނު ބައްދަލުވުމުގައި، މަސްވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައާއި، ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ)ގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދެވުނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ