ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީވެސް ޤައުމާއި ރައްޔިތުންނަށް ކޮށްދޭވޭ ކަމެއް: ރައީސް

ދިވެހި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ޤައުމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ކޮށްދެވޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިފަދައިން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާޢުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހެނީ ފުލުހުންނާއި ސިފައިންނެވެ. އަދި ރާއްޖެއަކީ މިނިވަންކަމުގައި ފަޚުރުވެރި، ދިގު މާޒީއެއް އޮތް ޤައުމެއް ކަމަށާއި އެ މިނިވަންކަން ދިފާޢު ކުރުމުގައި ޤައުމީ ސަލާމަތީ ބާރުތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކަށްވާންޖެހޭނީ ސިފައިންނަށާއި ފުލުހުންނަށް އެ 2 މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ މުއައްސަސާއަށް ޚިދުމަތްކުރާ ޚިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން. މި ސަރުކާރުގެ ސިޔާސަތަކީ އެއީ," ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ކުރިއަށް އޮތްތަނުގައިވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެއެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ސިފައިންނާއި ފުލުހުންކަން ފާހަގަކުރައްވައި، ކޮންމެ ދުވަހަކު ސިފައިންނާއި ފުލުހުން ވަނީ މަތިވެރި ޤުރުބާނީއެއް ވަމުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްޓަކައި އަދި ޤައުމަށްޓަކައި ކޮށްދެވޭ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ