ސްރީލަންކާގެ ރައީސް އަނޫރާގެ އަރިހަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ސަޢީދު ޒިޔާރަތްކުރައްވައިފި

ރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ބަދަލުވަމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މާޙައުލުގައި ދެ ޤައުމުން އިސްތިރާޖީ ގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން މި ބައްދަލުވުމުގައި އިޤްތިޞާދީ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކި ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ