ދާޚިލީ ވަޒީރު އިޙްސާން ސްރީލަންކާގެ ރައީސް އަނޫރާގެ އަރިހަށް ޒިޔާރަތްކުރައްވައިފި

ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކާއި ސްރީލަންކާގެ އިދާރާތަކާ ދެމެދު ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވުނެވެ.

މި މުހިންމު ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން ކަމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އަދި ކަމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާއިރު، މިހާތަނަށް ދެ ޤައުމުގެ މެދުގައި ދެ އެއްބަސްވުމެއް ވަނީ ޤާއިމްކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ