މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 4،720 ބަސްތާގެ ފިޔާ ކްލިއަރކޮށްފިއެވެ. މިއީ ތިން ބޯޓަކުން ގެނައި މުދަލެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އާގު ބޯޓުތަކަށް ރާއްޖެ ނާދެވި، ފިޔާ ކްލިއަރކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންސްއިން ރޭގަނޑާ ހަމައަށް މަސައްކަތްކޮށް، ތިން ބޯޓަކުން މުދާ ބާލައި ހުސްކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އައި އިތުރު ބޯޓަކުން 3،840 ބަސްތާގެ ފިޔާ ގެނެސްފައިވާ ކަމަށާއި، މޫސުން ތަންދޭ މިންވަރަކުން އެ ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
ފިޔާގެ ތާށިކަން ޙައްލުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް އިންޑިޔާއިން ފިޔާ ޝިޕްމަންޓެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. "ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބޭނެ" ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެތެރެކުރާ އިންޑިއާގައިވެސް މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ފިޔާ އިމްޕޯޓްކުރުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އާންމުކޮށް ފިޔާ އިމްޕޯޓްކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށްވީ ނަމަވެސް، މިފަދަ ޙާލަތްތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެއެވެ.



