ތިމާވެށީގެ ދާއިރާގެ އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން އެމެރިކާ ސަފީރާއެކު މަޝްވަރާކުރައްވައިފި

ތިމާވެށީގެ ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޯން މިއަދު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ތިމާވެއްޓާ ބެހޭ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ޚާއްސަގޮތެއްގައި މަޝްވަރާކުރެވުނީ ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުންނެވެ.

ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޚާއްސަކޮށް ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ.

ތިމާވެށީގެ ދާއިރާތަކުން ސަރުކާރުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ގޮތުގައި ހަކަތައިގެ ނިޒާމު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ޖުލައި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސޯލާ ސިޓީ މަޝްރޫޢު ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މި މަޝްރޫޢުގެ ދަށުން 100 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ