ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުން އަލަށް ދޭން ފެއްޓި 6 މަސް ދުވަހުގެ ވިއެއުމުގެ ޗުއްޓީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މުވައްޒަފުންނަށް ވެސް ދޭން ނިންމައިފިއެވެ.
ވިހެހުމުން 6 މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ގަވާއިދަށް އިއްޔެ ގެންނެވި 11 ވަނަ އިޞްލާޙުންނެވެ.
އެ ޤަވާއިދު ބުނާގޮތުން ޖޭއެސްސީގެ މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް، ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، އެ މުވައްޒަފަށް، އެ ސެޓުފިކެޓު ނުވަތަ އެ ލިޔުމުގައި ބުނާ ތާރީޚުން ފެށިގެން ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރައާއި ޢިނާޔަތްތަކާއެކު ދޭންވާނެއެވެ.
ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން، މާބަނޑުވި މުވައްޒަފު އޮފީހަށް ނުކުންނަން އުޒުރުވެރިވާނަމަ، ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ހަ މަސްދުވަހުން ނުކެނޑޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ވިހެއުމުގެ ކުރިން ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް، މުސާރައާއި ޢިނާޔަތްތަކާއެކު ދޭންވާނެ ކަމަށްވެސް އިސްލާޙުގައި ބުނެފައިވެއެވެ.
އަދި މުވައްޒަފަކު ބަލިވެ އިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ޞިއްޙީ ހާލަތު ތަންނުދޭކަމަށް، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓުފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 28 ދުވަހުގެ ޗުއްޓީއެއް، މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ދޭންވާނެ ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.
"މުވައްޒަފަކު ބަލިވެ އިނދެ 27 ހަފުތާގެ ފަހުން ވިހޭއިރު ދަރިފުޅުގެ ފުރާނަ ނެތްނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެމަތީން ބަލިވެއިނުމާ ގުޅިގެން ދޭ ނުވަތަ ވިހެއުމާ ގުޅިގެން ދޭ 60 ދުވަހުގެ ޗުއްޓީއެއް، މުވައްޒަފު ވިހާ ދުވަހުން ފެށިގެން، ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދޭންވާނެއެވެ. އަދި މި ޗުއްޓީގައި ހުއްޓައި އެ މުވައްޒަފަކު ރަސްމީ ގޮތުން މަސައްކަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، ބަންދުވި ދުވަހުގެ އަދަދަށް އެ މުވައްޒަފުގެ ޗުއްޓީއަށް އިތުރުކޮށްދޭންވާނެއެވެ." ޤަވާއިދުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މުވައްޒަފަކު ބަލިވެއިންތާ 16 ހަފުތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، 10 ދުވަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށާއި، ފިރިހެން މުވައްޒަފަށް ދަރިއަކު ލިބޭ ތާރީޚުން ފެށިގެން މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ދޭންވާނެ ކަމަށްވެސް ޖޭއެސްސީގެ ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.




