މެދުއިރުމައްޗަށް އަތްގަދަކުރުމަށް ޔަހޫދީން އިއުލާންކުރި ޕްލޭން ބަލައެއްނުގަނެވޭނެ: ރައީސް މުޢިއްޒު

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ގެންގުޅޭ ތަސައްވުރާއި ގުޅޭގޮތުން ޔަހޫދީ ސަރުކާރުން ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނާއި އަރަބި އެހެން ޤައުމުތަކަށް އަތްގަދަކުރުމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ވިޝަން އޮފް ގްރޭޓަރ އިޒްރާއިލް" ގެ ނަމުގައި ޕްލޭނެއް އިއުލާންކޮށް، އެ ޕްލޭނަށް އަމަލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އަރަބި ޤައުމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް، އެކަން ކުއްވެރިކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޓްވީޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ފަލަސްތީނާއި އަރަބި އެހެން ޤަޢުމުތަކުގެ ބިންތަކަށް އަތްގަދަކުރުމަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން އިއުލާންކުރި "ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލުން އަރައިގަތުމަށް ބައިނަލްއަޤްވާމީގޮތުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުގައި ދެމި އޮންނާނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ގައުމަކަށްވާއިރު، ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ސަރުކާރުން ދަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކެނޑިނޭޅި އަޑުއުފުލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ