މި ޕްރޮގްރާމްގެ ދަށުން ގަސް ފޯރުކޮށްދީފައިވަނީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ނަރުދޫ އަދި ށ. ބިލަތްފައްޗަށެވެ. މިގޮތުން ފުނަދޫއަށް 324 ގަސް، ޅައިމަގަށް 378 ގަސް، ނަރުދޫއަށް 254 ގަސް އަދި ބިލަތްފައްޗަށް 203 ގަސް ފޯރުކޮށްދީފައިވެއެވެ. މި ގަސްތަކުގެ ތެރޭގައި ބަނބުކެޔޮ، ޖަނބުރޯލު، މުރަނގަ އަދި އަލަ ގަސް ހިމެނެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި، ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށްޓަކައި ގިނަ ކައުންސިލްތަކުން އެ ވުޒާރާގައި ގަސް ފޯރުކޮށްދިނުމަށް އެދެމުންދެއެވެ. އަދި ހަނިމާދޫގައި ހުންނަ އެ ވުޒާރާގެ ސެންޓަރުން، އެ ރަށްރަށަށް ބޭނުންވާ މިންވަރަށް ގަސް ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިވިކަން ހޯދުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މީގެ އިތުރުން، ބޭރުން ކާބޯތަކެތި އިމްޕޯޓް ކުރުމަށް ބަރޯސާވުން ކުޑަކޮށް، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް އެ ވުޒާރާއިން ދަނީ ފޯރުކޮށްދެމުންނެވެ.
ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ




