ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަން ޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ހއ. އުތީމުގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި އަބްޠާލުން އިހުގައި ހޯއްދަވައިދެއްވާފައިވާ ދިވެހިވަންތަކަން މުސްތަޤްބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އިހުގެ ދިވެހީންގެ ކިބައިގައި ހުރި ރިވެތި އާދަތަކާއި ސިފަތައް އަލާކުރުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލެއްވިއެވެ.
"ޤައުމީއްޔަތަކީ ދިވެހިވަންތަކަށް އިސްލާމް ދީނަށް ޚުރުމަތްތެރިކޮށް ހިތުން. ދިވެހި ބަހަށް ޚުރުމަތްތެރިކޮށް ހިތުން ރީތި އާދަ ކާދަތަކަށް ޚުރުމަތްތެރިކޮށް ހިތުން. އަޅުގަނޑުމެން ކޮންމެ މީހަކުގެ ބޮލުގައި ވެސް ދިވެއްސަކަށްވީތީ މިކަމުގެ ޒިންމާ އެޅިފައި އެބައޮތް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، އެއްވެސް މީހެއްގެ އަބުރާއި އިއްޒަތަށް އަރައިގަތުމަކީ އަނެކާއަށް ލިބިދީފައިވާ ހައްޤެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ފެންނަމުންދާ، އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމުގެ ޢަމަލުތަކަކީ ދިވެހި އަބްޠާލުން ދިވެހި ޤައުމު ހިމާޔަތްކޮށް މިހާ ހިސާބަށް ގެނެސްފައިވާ މަޤްޞަދު ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
"ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ދުލުން ބަހެއް ބޭރުވުމަށް ފަހު އެ ތިމާއަކީ އެބަހެއްގެ އަޅެއްކަން. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫނީ ކޮންމެ ވާހަކައެއް ބުނުމުގެ މިނިވަންކަމަކީ ވަކި ޚުދޫދެއްގެ ތެރޭގައި އޮންނަންވާނެ ކަންކަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ކަންކަމަށް ސަމާލުކަން ނުދީފިނަމަ، ދިވެހި އަބްޠާލުން ހޯދައިދެއްވާފައިވާ ދިވެހިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމަށް ރައީސް އިންޒާރު ދެއްވިއެވެ. އަދި މިއީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




