އިންޝުއަރެންސްއާބެހޭ ބިލު ރައީސް ޑރ މުޢިއްޒު ތަސްދީޤްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޝުއަރެންސްއާބެހޭ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލު ތަސްދީޤުކުރެއްވުމާއެކު، ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެފަދަ ވިޔަފާރިތަކުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައެޅި، އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލޭނެއެވެ. މީގެ ސަބަބުން އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވި، ދާއިރާ ތަރައްޤީކޮށް ވާދަވެރިކަން އިތުރުވެގެންދާނެއެވެ.

މި ޤާނޫނުގެ ދަށުން އިންޝުއަރެންސް ވިޔަފާރިތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެވެ. އަދި ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސް އޮވެގެންނެވެ.

ލައިސަންސް ނެތި ވިޔަފާރިކުރާ ފަރާތްތައް 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ތެދުނޫން މަޢުލޫމާތު ދީގެން ޙައްޤުނޫން މަންފާއެއް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް މިފަދަ ޖޫރިމަނާތަކެއް ކުރެވޭނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ އެކުގައެވެ. މި ޤާނޫނުގެ ސަބަބުން ރާއްޖޭގެ އިންޝުއަރެންސް ދާއިރާ އިތުރަށް ހަރުދަނާވެ، އާންމު ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ