ނޫސްވެރިންގެ ފެންވަރު މަތިކުރުމަށް ބްރޯޑްކާސްޓިންގ ނޫސްވެރިން އެކްރެޑިޓްކުރަނީ

ރާއްޖޭގައި ނޫސްވެރިންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓިންގ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލު އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން، ބްރޯޑްކާސްޓިންގ ނޫސްވެރިންނަށް ޚާއްސަ ތަމްރީނުތަކެއް ދިނުމަށްފަހު ޚާއްސަ ފާހެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މި އުސޫލު ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ނޫސްވެރިކަމުގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ޢިލްމާއި ތަމްރީނުގެ އަލީގައި މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ. މި ގޮތުން ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލައި، ވަކި ޚާއްސަ އުސޫލެއްގެ ދަށުން ނޫސްވެރިން އެކްރެޑިޓްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެކްރެޑިޓޭޝަން ލިބޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ބްރޯޑްކާސްޓިންގ އަދި ކޮމިއުނިކޭޝަން ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން އެމްކިއުއޭ ލެވެލް 3 ގެ ސަނަދެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހިމެނެއެވެ. އަދި މީގެ އިތުރުން، ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއެކު، އުސޫލުގައި ބަޔާންކުރާ ތަމްރީން ފުރިހަމަކޮށްފައިވުން ލާޒިމުކުރެއެވެ.

މި އުސޫލުގެ ދަށުން ޕްރެސް ފާސް ދޫކުރެވޭނީ އެޑިޓަރުން، ރިޕޯޓަރުން، ޕްރެޒެންޓަރުން، ލިޔުންތެރިން، ކޮލަމިސްޓުން އަދި ފޮޓޯ އަދި ވީޑިއޯ ޖަރނަލިސްޓުންނަށެވެ. ނަމަވެސް އެކްރެޑިޓްކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމާއި، ނޫސްވެރިކަމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވުން ފަދަ ކަންކަމުގައި އެކްރެޑިޓޭޝަން ބާޠިލުކުރުމުގެ އިޚްތިޔާރު ބްރޯޑްކޮމްއަށް ލިބިގެންވެއެވެ.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރާތާ 6 މަސްދުވަސް ފަހުންނެވެ. ބްރޯޑްކޮމްއިން ވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި މި ފާސް ބޭނުންކުރުމަށް ބާރުއަޅައި، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ