ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓާ ގުޅިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން އިންތިޒާމުކުރެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ޓިއަންޖިން މެއިޖިއަންގ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބޭއްވުނު މި ޖާފަތަކީ، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި މަލްޓިލެޓެރަލް އެޖެންސީތަކުގެ އިސްވެރިންގެ ޝަރަފުގައި އިންތިޒާމުކުރެއްވި ޚާއްޞަ ޖާފަތެކެވެ.
ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސާ ބައްދަލުކުރެއްވުމުގެ އިތުރުން، އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުޢިއްޒު އިއްވަވާ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
2001 ވަނަ އަހަރު އުފެދުނު އެސްސީއޯއަކީ ޔޫރޭޝިއާ ސަރަޙައްދުގައި ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު ސަރަޙައްދީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި މިހާރު 10 މެންބަރު ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެ ހިމެނެނީ ޑަޔަލޮގް ޕާޓްނަރެއްގެ ގޮތުގައެވެ.




