ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރަމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 192،058 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ.
އޮގަސްޓް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖްކޮށް ދުވާލަކު 6،195 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ޖުމްލަ 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. 235،245 ފަތުރުވެރިންނާއެކު ޗައިނާ ވަނީ އެންމެ މަތީ ސަފުގައެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެއީ 177،581 ފަތުރުވެރިންނެވެ. އިނގިރޭސިވިލާތުން 134،114 ފަތުރުވެރިންނާއެކު ތިންވަނައިގައި ހިމެނެއެވެ.