މާލޭ ރަސްފަންނު ސަރަހައްދު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަން ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.
އެމްޓީސީސީން ކުރާނެ މަސައްކަތްތައް
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި:
- ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުން
- ބޭރު ތޮށީގެ ބައެއް ބަދަލުތައް ގެނައުން
- މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުން
- ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުން
އެމްޑަބްލިއުއެސްސީން ކުރާނެ މަސައްކަތްތައް
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި:
- ފާޚާނާ ބަރިއެއް ގާއިމުކުރުން
- ފެން މާގަނޑު ބެހެއްޓުން
- ލޮކަރު ފަދަ ވަސީލަތްތައް ގާއިމުކުރުން
އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބިން ވަނީ މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.
"ރަސްފަންނާއި ސަލްޓަން ޕާކު މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީ ކޮށްދެއްވާނެ" ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ދެއްވާފައެވެ. މިހާރު ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
2016 ވަނަ އަހަރު ހުޅުވުނު ރަސްފަންނަކީ ގިނަ ބަޔަކު ބޭނުންކުރާ ސަރަހައްދަކަށްވެފައި، މި ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން އެތަން ބޭނުންކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކާއެކު، އަސާސީ ވަސީލަތްތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.




