ބައިނަލްއަޤުވާމީ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް ރައީސް ގޮވާލައްވައިފި

ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކުރައްވައި، ބައިނަލްއަޤުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޗައިނާގެ ޓިއަންޖިންގައި ބޭއްވުނު "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ވިލުންތެރި، ޢަޒުމުވަރުގަދަ ޤައުމެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތްތަކާ ގުޅޭގޮތުން ވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތްކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ގްލޯބަލް ގަވަރނަންސް އިނީޝިއެޓިވް (ޖީ.ސީ.އައި) ވެސް ތަޢާރަފުކޮށްދެއްވިއެވެ.

ރައީސް މުޢިއްޒު އެމަނިކުފާނުގެ ވާހަކަފުޅުގައި، ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރެއްވިއެވެ. އަދި ފަލަސްތީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

އެސް.ސީ.އޯ ޕްލަސް ބައްދަލުވުމަކީ، އެސް.ސީ.އޯގެ މެންބަރު ޤައުމުތަކާއި، ޕާޓްނަރ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިޤްތިޞާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުޟޫޢުތަކުގެ މައްޗަށް މަޝްވަރާކުރެއްވުމަށް ހުޅުވާލާފައިވާ މަންސައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ