ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ސާބިތުކަން މަތީގައިކަން ތިބިކަން ހާމަކުރައްވައި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓިއަންޖިންގައި ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ސާބިތުކަން މަތީގައި ތިބިކަން ހާމަކުރައްވައި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ. ރާއްޖެ ތަމްސީލްކުރާ ބައިނަލްއަޤްވާމީ ހުރިހާ މަންސައެއްގައި ރާއްޖެއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލައި، ވަކާލާތުކުރަމުންނެވެ.
ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރުތަކެއް ވެފައިވާއިރު، ރާއްޖެއަކީ ފަލަސްޠީނުގެ ހައްޤުގައި އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދަނީ ފަލަސްޠީނުގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ވަކާލަތުކުރަނީ ފަލަސްޠީނުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމްކުރުމެވެ.




