ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރައްވައިފި

ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު ބައްދަލުވުމުގައި، ރައީސް މުޢިއްޒު އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައި، ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައިފިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤްތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވެއެވެ.

ދެ ޤައުމުގެ އިސްވެރިންގެ މަޝްވަރާތަކުގައި އިސްކަންދެއްވި ކަންތައްތަކުގެ ތެރޭގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، މިދިޔަ އަހަރު ބޭއްވުނު ކޮޕް29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ދެ ޤައުމުގެ އިސްވެރިން ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ގުޅިގެން އިތުރަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަކު އަނެކަކަށް ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ