ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ޕާޓީ ދެމިއޮތުމަށް ބޭނުންވާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދު ހަމަކުރެވިފައިނުވާތީއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އެމްޓީޑީއަށް ދިން ނޯޓިސްގެ މުއްދަތު މިއަހަރުގެ މެއި 19 ވަނަ ދުވަހު ހަމަވިއިރު، އެ ޕާޓީގެ ރަޖިސްޓްރީގައި ތިބީ 2277 މެންބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ނޯޓިސްގެ މުއްދަތު ހަމަވި ދުވަހު، މެންބަރުން ހަމަކުރުމަށް އިތުރު 3 މަސްދުވަހުގެ މުއްދަތަކަށް އެމްޓީޑީން އެދުނު ނަމަވެސް، އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރެއް ނޫންކަމަށް ވާތީ އެ މުއްދަތު ދެވިފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި، ޖޫން 3 ވަނަ ދުވަހު އެމްޓީޑީ އުވާލުމަށް ނިންމުމާއެކު، އެ ޕާޓީގެ މުދަލާއި ދަރަންޏާމެދު ގޮތެއް ނިންމުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި އެކަން ނިންމުމަށްފަހު 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށްވެސް އަންގާފައިވެއެވެ.
މި މުއްދަތު ސެޕްޓެމްބަރު 3 އަށް ހަމަވުމާއެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޓީޑީ އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.