88 މެމްބަރެއްގެ މާލީ ބަޔާން މަޖިލީހުން އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 88 މެންބަރެއްގެ މާލީ ބަޔާން މިހާރު ވަނީ އާންމުކޮށްފައެވެ. މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައިކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވިއެވެ.

މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވިގޮތުގައި، މިދިޔަ އަހަރުގެ މެއި 28 ވަނަ ދުވަހު ހުވާކުރެއްވި 20 ވަނަ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހެޅުއްވުމުގެ އެންމެ ފަހު މުއްދަތަކީ މިއަހަރުގެ އޮގަސްޓް 31 ވަނަ ދުވަހެވެ. މިއީ މެންބަރުން ހުވާކުރައްވާތާ އެއް އަހަރު ފުރުމަށްފަހު، އިތުރު ތިން މަސްދުވަހުގެ މުއްދަތެއް ދެއްވާފައިވާ ގޮތަށެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް މާލީ ބަޔާން ހުށަހެޅުއްވުމަކީ ލާޒިމު ކަމެކެވެ. މި ބަޔާނުގައި މެންބަރުންގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފްސީލީ މައުލޫމާތު ހިމެނެއެވެ. 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބެވިއިރު، މިހާތަނަށް 88 މެންބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ.

މިހާތަނަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު، ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ހިމެނިވަޑައިގަންނަވައެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވިގޮތުގައި، މާލީ ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށް މި ބަޔާންތައް ބެއްލެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ