މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ގެއްލިގެން ރިޕޯޓުކުރި 90 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ. މި ސައިކަލުތަކުގެ އަގު 4.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެ ތެރެއިން ޖުމްލަ 200 އެއްޗެއް ވަނީ ހޯދާފައެވެ. މީގެ ތެރޭގައި 19 މޯބައިލް ފޯނާއި، 47 އެހެނިހެން ތަކެއްޗާއި، ފައިސާގެ 40 މައްސަލައާއި، 4 އިލެކްޓްރޯނިކް އާލާތް ހިމެނެއެވެ.
މިދިޔަ މަހު މާލޭގެ މަގުތަކުގައި ފުލުހުންގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގެ 26,674 ތަނެއް ބަލައި ފާސްކޮށް، 999 ގަޑިއިރާއި 1 މިނެޓު ވަންދެން މާލެތެރޭގައި ޕެޓްރޯލްކޮށްފައިވެއެވެ. އަދި 5,581 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުށުގެ ރިކޯޑު އޮތް 5,373 މީހުން ހިމެނެއެވެ.
ތިލަފުށްޓާއި ވިލިމާލޭގައިވެސް ފުލުހުންގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ. މި ދެ ސަރަހައްދުން 8,760 ތަނެއް ބަލައި ފާސްކޮށް، 556 ގަޑިއިރާއި 54 މިނެޓު ވަންދެން ޕެޓްރޯލްކޮށްފައިވެއެވެ. މި ދެ ސަރަހައްދުން 530 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ކުށުގެ ރިކޯޑު އޮތް 458 މީހުން ހިމެނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މި ކުރާ މަސައްކަތްތަކުގެ ތެރޭގައި ޓްރެފިކް ބެލެހެއްޓުމާއި، ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މަދުކުރުމަށް ޚާއްޞަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.




