އެމްޑީޕީގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ

އެމްޑީޕީން މިރޭ ކުރިއަށްގެންދާ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ވަނީ އިއުލާނުކޮށްފައެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން، އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މިކަމަށް އެއްވެސް އިޖާބައެއް ދީފައިނުވާކަމަށް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެއްވުމުގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށްފައެވެ. މީގެއިތުރުން ފުލުހުންގެ ވާޖިބު އަދާކުރުމަށްވެސް ހުރަސްއަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.

"މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ" ކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އާންމުންނަށް ނަޞޭހަތްތެރިވެފައިވެއެވެ.

އެމްޑީޕީން މި ހަރަކާތް ކުރިއަށްގެންދިއުމަށް ކުރިން އެއްބަސްވެފައިވާ ގޮތާއި ޚިލާފުވެ، މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނިކުމެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މަސައްކަތުގައި ދެމިތިބިކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ ތައްޔާރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ