ޤައުމީ ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ޤައުމީ ތަރިކައިގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު މިފަދައިން ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި "އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެތި އަދި، ދިވެހިންގެ މާޒީގެ ފަޚުރުވެރި ތާރީޚަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް" ކަމަށެވެ. އަދި މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގައި ދިވެހިންގެ ތަރިކަ ހިމާޔަތް ކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާފައިވެއެވެ. މިގޮތުން ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން އެއަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން މިހާރު ދަނީ އެކުލަވާލަމުންނެވެ.
އަދި ހއ. އަތޮޅުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް އެ ތަރިކަތަކުން އާމްދަނީ ހޯދުމުގެ ޚާއްސަ މަޝްރޫޢެއް ފެށުމުގެ އިތުރުން، "ދިވެހި ޤައުމިއްޔަތުގެ އިސްވަރު" ގެ ނަމުގައި ޚާއްސަ ކޮލެޖެއް ވަނީ އިފްތިތާޙުކޮށްފައެވެ. މި ކޮލެޖަކީ ތަރިކައާ ބެހޭ ދިރާސާތައްކޮށް، އެކަމާ ގުޅޭ ޢިލްމުތައް ފުޅާކުރުމަށް ޚާއްސަކުރެވިފައިވާ މަރުކަޒެކެވެ.
މީގެ އިތުރުން، ދިވެހިންގެ ނަސްލާއި އަސްލާއި ތާރީޚާ ގުޅުންހުރި އެކި ކަންކަން ދިރާސާކޮށް، މަޢުލޫމާތު އެއްކުރުމަށްޓަކައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް ވަނީ އުފައްދަވާފައެވެ. އަދި ތަރިކައިގެ ދާއިރާއިން ކިޔެވުމަށް ފުރުޞަތުތައް ވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.



