ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ. މި ސަމިޓް ބޭއްވުނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދޯހާގައެވެ.
ސަމިޓުގައި ތަޤްރީރު ކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެއީ ސީދާ ސުލްޙައަށް ދެވުނު ހަމަލާއެއްކަމަށް ވިދާޅުވެފައިވެއެވެ. "އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
ސަމިޓުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިސްރާއީލުން ޤަޠަރަށް ދިން ޢުދުވާނީ ހަމަލާގައި މަރުވި ފަރާތްތަކާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެ، ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ ލީޑަރުން އެއްވެ ބޭއްވި މި ސަމިޓުގައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކޮށް، ބައިނަލްއަޤްވާމީ ޤާނޫނުތައް ހިފެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލާފައިވެއެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ޤަޠަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ދިވެހިރާއްޖެއިން އިންސާނީ ކަރާމާތާއި އިންސާފުގެ ދިފާޢުގައި އަޑުއުފުލުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމުގައި ފާހަގަކުރެވެއެވެ.



