ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސްކަމަށް މުޙައްމަދު ނާސިޙް އައްޔަން ކުރައްވައިފައެވެ. މި އައްޔަންކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ކުރެވުނު އައްޔަންކުރުމެކެވެ.
މަޖިލީހުން މި ދެ ބޭފުޅުންގެ ނަންފުޅުތަކަށް ރުހުން ދެއްވާފައިވަނީ ހޯމަ ދުވަހު ބޭއްވި ދައުރުން ބޭރުގެ ޚާއްސަ ޖަލްސާގައެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޖްތާޒު އެ ކޮމިޝަނަށް އައްޔަން ކުރެވިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.
އަލްއުސްތާޛު މުޙައްމަދު މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ކުރީގެ ތަޖުރިބާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ.
ކޮމިޝަންގެ ނައިބު ރައީސްކަމަށް އައްޔަންކުރެވުނު މުޙައްމަދު ނާސިޙަކީ މީގެ ކުރިން ކޮމިޝަންގެ ރައީސްގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އޭނާގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ކޮމިޝަނަށް އައްޔަންކުރެވިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
މިހާރު ސިވިލް ސަރވިސް ކޮމިޝަންގައި ތިއްބެވި 5 މެންބަރުންގެ ތެރޭގައި ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒާއި ނައިބު ރައީސް މުޙައްމަދު ނާޞިޙްގެ އިތުރުން، މެންބަރުންގެ ގޮތުގައި ފާތިމަތު ހަބީބާއާއި ޑރ. ދީބާ މޫސާ އަދި ޑރ. ހުސައިން ފާއިޒް ހިމެނިވަޑައިގަންނަވައެވެ.



