ރައީސް މަގޫދޫއަށް، ތަރައްޤީގެ ތިން މަޝްރޫޢެއް ފަށައި، އޭޓީއެމްގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފ. މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ހިންގާ ތަރައްޤީގެ ތިން މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފ. އަތޮޅަކީ ދެވަނައަށް ވަޑައިގެންނެވި އަތޮޅެވެ. މަގޫދޫއަށް ރައީސް ވަޑައިގަތުމުން، ރަށުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުމެ، ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

މިދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ފައްޓަވައިދެއްވީ މަގޫދޫ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތެވެ. މި އިމާރާތަކީ ސަރުކާރުން ކުރިއަށްގެންދާ 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާތައް އައުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ދެވަނައަށް ފައްޓަވައިދެއްވީ މަގޫދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ ސަރުކާރުގެ އަމާޒުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

އަދި ތިންވަނައަށް ފައްޓަވައިދެއްވީ މަގޫދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން މަގޫދޫގެ ރައްޔިތުންނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފ. މަގޫދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައި، ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެއްވިއެވެ. މި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމާއި، ބިލު ދެއްކުމާއި ޓްރާންސްފަރގެ ޚިދުމަތްތައް ލިބޭނެއެވެ.

އަތޮޅުތެރޭގައި އޭޓީއެމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ނިމިފައިވެއެވެ. އެންމެ ފަހުން އޭޓީއެމް ޤާއިމުކުރެވުނީ ވ. އަތޮޅުގައެވެ. އިޤްތިޞާދީ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ