ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު 2027ވަނަ އަހަރުގެ މިނިވަން ދުވަހު އެ އެއަރޕޯޓް ހުޅުވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެއަރޕޯޓްގެ ވަޢުދަކީ ގުރައިދޫގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދެވެ. މި މަޝްރޫޢުގެ މަސައްކަތް 22 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
"2027ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، މިނިވަން ދުވަހު މި އެއަރޕޯޓް ހުޅުވާނަން. މިއީ ރަށަށް ވަރަށް މުހިންމު އަދި އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުންތައް ގެނުވާނެ މަޝްރޫޢުއެއް. ސަރަޙައްދަށް ކުރިއެރުން ގެނައުމުގެ މުހިންމު ދޮރޯށްޓަކަށްވާނެ،" ރައީސް ވިދާޅުވިއެވެ.
އެއަރޕޯޓުގެ އިތުރުން، ރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިން ޔުނިޓް ހިމެނުމަށްވެސް ވަނީ ނިންމަވާފައެވެ.
އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް އިތުރު 7 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އަންނަ މަހުން ފެށިގެން ގުރައިދޫގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށޭނެއެވެ. އަދި ޑައިވިންގައި ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ޑީކޮމްޕްރެޝަން ސިސްޓަމް ސަރުކާރުން ބަހައްޓާ ފުރަތަމަ ރަށަކަށްވެސް ގުރައިދޫ ވެގެންދާނެއެވެ.