ތ. ގުރައިދޫގައި ގާއިމްކޮށްފައިވާ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރު މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ކޮޅުމަޑުލުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރާއްޖޭގައި ސަރުކާރުން ހައިޕަރބެރިކް ސެންޓަރެއް ގާއިމްކުރި ފުރަތަމަ ރަށަކީ ގުރައިދޫއެވެ. މި ސެންޓަރުގައި ހުރި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެއްކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންނެވެ.
"ރިޔާސީ ވައުދުފުޅުގެ ދަށުން ރަށްރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، އެކަމަށް ބޭނުންވާ މެޝިންތައް ގަތުމާއި ހޯދުމުގެ މަސައްކަތުގެ އިތުރުން އިންސްޓޯލްކުރުމުގެ މަސައްކަތްވެސް މިހާރުދަނީ އެކި މަރުޙަލާތަކުގައި ކުރިއަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށާއި ޑައިވިންގ ދާއިރާއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ.