ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެއްވުމުގައި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުންގެ ޚިދުމަތުން މިއަދު ގޮވާލައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ނެރުއްވި ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު" އާއި އެޤާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ މައުލޫމާތުގެ މަތިން، ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް މިހިނގާލުން ކުރިއަށް ގެންދިއުމަށާއި، އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރޭވިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވެފައިވަނީ، ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ އެ ޚިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް، މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ގޮވާލައްވާފައެވެ.



