އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް އައްޑު އަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ތާރީޚީ ވޯޓުގައި ވޯޓު ފޮށިތައް ބަހައްޓާނީ ފޭދޫ، ހުޅުދޫ އަދި މީދޫގެ އިތުރުން މާލޭގައެވެ. އެގޮތުން ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށި އަދި މީދޫގައި 3 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ އެ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މާލޭގައި 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ފޭދޫ ރައްޔިތުންނަށް 3 ފޮށި، ހުޅުދޫ ރައްޔިތުންނަށް 3 ފޮށި އަދި މީދޫ ރައްޔިތުންނަށް 1 ފޮށި ހިމެނެއެވެ.
މި ވޯޓާ ގުޅިގެން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މި މަހުގެ 24 ވަނަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ކެމްޕޭން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި ވޯޓުގައި ސަރުކާރުން އެއްވެސް ވަކި ކޮޅަކަށް ބުރަނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި ވޯޓުގައި ކޮންމެ ރަށަކަށްވެސް ވަކި ސުވާލެއް ހުށަހެޅިފައިވާއިރު، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ވަކި ކައުންސިލެއް އުފެއްދުމާއި ދެ ރަށް އެއް ކައުންސިލެއްގެ ދަށުން ހިންގުމާ ދޭތެރޭ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފޭދޫގެ ރައްޔިތުންނަށް އެ ރަށަށް ޚާއްސަ ކައުންސިލެއް އުފެއްދުމާމެދު ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.