15 އަހަރަށްފަހު ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ހުޅުވައިފިއެވެ. ކްރޮސް ރޯޑްސްގައި ޤާއިމްކޮށްފައިވާ މި ކޭމްޕް ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާ ހިނދު، މި ކޭމްޕް ސަރަހައްދަކީ ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ ތަނެކެވެ.
މި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި މިއީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި ބޭނުންކުރެވޭނެ ތަނެކެވެ. "މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ،" ވަޒީރު ވިދާޅުވިއެވެ.
ތިން ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ މި ކޭމްޕް ސަރަހައްދުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި، ދުވަހު ކޮޓަރިއާއި އަދި މިސްކިތެއް ޤާއިމްކޮށްފައިވެއެވެ. އަދި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި ކޭމްޕް ސަރަހައްދު ހުޅުވުމާއެކު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔެވުމުގެ އިތުރު ހަރަކާތްތަކާއި ކޭމްޕްތައް ބޭއްވުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.



