އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނިނަމަވެސް، އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފެށިފައިވަނީ 2016 ވަނަ އަހަރު، އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވުމާ ގުޅިގެން ކަމަށެވެ.
"ބްރެކްޒިޓްގެ ކުރިން އިނގިރޭސިވިލާތުން ނަގަމުން ދިޔައީ 24 ޕަސެންޓުގެ ޓެރިފެއް. މިހާރު ނަގަމުން ދަނީ 20 ޕަސެންޓުގެ ޓެރިފެއް. މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެކަމަށް މެންބަރު މީކާއިލް ވިދާޅުވި ވިދާޅުވުން ވަޒީރު ދޮގުކުރެއްވިއެވެ. އަދި އެފަދަ ޔަޤީންކަމެއް އިނގިރޭސި ސަރުކާރުން ދީފައިވާކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީގައި ނެތްކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ޓެރިފްތައް ބަދަލުކުރުމަށް އިސްކަންދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ.