ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި

ލ. ހިތަދޫއާއި އެއަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

81.2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. މި މަޝްރޫޢު ނިންމުމަށް ސަރުކާރުން ވަނީ 500 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓަކާއި، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓެއް އަދި 165 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމުގެ އިތުރުން 156 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި މެންދޫއާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓަކާއި، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓެއް، 165 މީޓަރުގެ އެޕްރޯޗް ރޯޑަކާއި 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި މަޝްރޫޢު ނިމުމުން ދެރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އެހެނިހެން ދާއިރާތަކުން ޚިދުމަތްތައް ހޯދުމުގައިވެސް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ